އައްޑޫ ސިޓީގެ 140 ގެއަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، އައްޑު އަތޮޅަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ އެހީތެރިކަމަށް އެދުނު ފަރާތްތަކުގެ ތެރެއިން 140 ގެއަކަށް މިހާތަނަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި މިހާތަނަށް މަރަދޫގެ 4 ގެއާއި، މަރަދޫ ފޭދޫ 12 ގެއާއި، ފޭދޫގެ 43 ގެއާއި، ހުޅުދޫގެ 10 ގޭގެ އިތުރުން މީދޫގެ 27 ގެަކަށް މިހާތަނަށް ވަނީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ.

މިހާތަނަށް އެހީތެރިކަމަށް އެދިފައިވާ ގެތަކުގެ ތެރެއިން 28 ގެއަކަށް އަދި އެހީތެރިކަން ފޯރުކޮށް ނުދެވިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ. އެހެން ނަމަވެސް އެގެތަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވެމުން ދާކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މި ފެންބޮޑުވުމުގެ ހާދިސާގައި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ގެންދާ ކަމަށްވެސް އެފަރާތުން ހާމަކުރަށްވައެވެ.

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަށްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު