އެމްޑީއެން އުވާލުމަކީ ރާއްޖޭގެ ޤާނޫނުތަކުން މިހާރު ލާޒިމުކަމެއް - ޑރ.ޝަހީމް

މާތް ރަސޫލާ މުޙައްމަދު ސައްލައްﷲ ޢަލައިހި ވަސައްލަމައަށާއި، އިސްލާމް ދީނަށް ފުރައްސާރަކޮށް ހަޤީގަތާ ޚިލާފު ދޮގުވާހަކަތަކެއް ދީނާމެދު ފެތުރި ޖަމްޢިއްޔާ "އެމްޑީއެން" އުވައިލުމަކީ ރާއްޖޭގެ ޤާނޫނުތަކުން މިޙާރު ލާޒިމު ކަމެއްކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މާތްވެގެންވާ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރާއްޖޭގެ ދީނީ ވަޙުދަތު މުގުރާލަން މަސައްކަތްކުރާ ޖަމްޢިއްޔާ އެމްޑީއެން އުވައިލަން ޖެހޭ ކަމަށެވެ.

މީގެއިތުން މިޖަމްޢިއްޔާގައި ޙަރަކާތްތެރިވާ މީހުންގެ ތެރެއިން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި މީހުން އެމަޤާމުތަކުން ވަކިކުރުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެއްކަމަށް ޑރ.ޝަހީމް ވިދާޅުވެފައިވެއެވެ. އެޖަމާޢަތަކީ އިސްލާމްދީނަށް ފުރައްސާރަކުރުމާއި ރާއްޖޭގެ ދީނީ ވަޙުދަތު ނަގާލުމަށް ހުއްޓުމެއްނެތި މަސައްކަތްކުރާ ޖަމާޢަތެއްކަން ފާހަގަކުރައްވައި ލަސްނުކޮށް ފިޔަވަޅު އެޅުމަށް ޝަހީމް ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އޮތް މިންވަރުގެ ދިރާސާއެއްކަމަށްބުނެ އެމްޑީއެންއިން ޢާއްމުކުރި ރިޕޯރޓުގައިވަނީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ސައްލައްﷲ ޢަލައިހި ވަސައްސަމާއި އިސްލާމް ދީނަށް ފުރައްސާރަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު