ބޭނުންވަނީ ފަތުވެރިކަމުގެ ސިނާޢަތުގެ މަތީ މަޤާމުތަކުން ދިވެހިންނަށް ފުރުޞަތު ހޯދައިދޭން - ރައީސް

ސަރުކާރުން ބޭނުންވަނީ ފަތުވެރިކަމުގެ ސިނާޢަތުގެ މަތީ މަޤާމުތަކަށް ދިވެހިންނަށް ފުރުޞަތު ފަހިކޮށްދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް 2019 ފާހަގަކުރުމަށް މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރޭގަނޑުގެ ޖާފަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭން ފައިނަލްކުރުމުގެ މަސައްކަތްތައް ޓުއަރިޒަމް މިނިސްޓްރީން މިހާރު ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި އެ ޕްލޭނުގެ މަސައްކަތް ނިމުމުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރެވިގެންދާނެ ގޮތްތައް ކަނޑައެޅިގެން ދާނެކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކާއި އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހާ ފަރާތްތަކުގެ އެންމެ ދަށް އުޖޫރަ އަންނަ އަހަރުގެ ތެރޭގައި ކަނޑައަޅައި އެކަން ތަންފީޒުކުރެވިގެން ދާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްޢިއްޔާއިން މިއަހަރަށް ކަނޑައެޅި ޝިޢާރުކަމުގައިވާ "ފަތުރުވެރިކަމާއި ވަޒީފާ: އެންމެންނަށް ބާއްޖަވެރި ކުރިމަގެއް" މި ޝިޔާރުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޝިޢާރުންވެސް ފަތުރުވެރިކަމުގެ މަންފާ ވީހާ ގިނަ ބަޔަކަށް ލިބޭނެ ގޮތަށް ކަންކަން ރޭވުމުގެ މުހިންމުކަން އެނގިގެންދާކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން، ޢާންމު ދިރިއުޅުމާއި، ފަރުދީ ފުދުންތެރިކަމާ ގުޅިފައިވާ މިންވަރު މި ޝިޢާރުން ހާމަކޮށްދޭކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ބޭނުންފުޅުވަނީ ރިސޯޓްތަކުގެ މަތީ މަޤާމުތަކުން ދިވެހިންނަށް ފުރުޞަތު ފަހިކޮށްދީ މި ސިނާއަތު ކުރިއަރުވަންކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން މިހާރު ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ މައިގަނޑު ސަބަބަކީ، ސިޔާސީ ގޮތުން ރާއްޖެއަށް ލިބުނު ހަމަޖެހުމާއި އެއާ ގުޅިގެން ދިވެހި ފަތުރުވެރިކަމާ މެދު އިންވެސްޓަރުންނަށް ލިބުނު އިތުބާރާއި ޔަޤީންކަމުންކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މިސަރުކާރު އުފެދުނު ފަހުން މިއަދާ ހަމައަށް، ފަތުވެރިކަމުގެ ދާއިރާއަށް ގެނެވުނު ބައެއް ކުރިއެރުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިހާތަނަށް މުޅިން އާ 19 ރިސޯޓާއި 1 ޔޮޓް މެރީނާ ހުޅުވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިއީ އެނދުގެ ޢަދަދަށް ބަލާނަމަ، 4127 އެނދުކަމަށާއި އެއީ ގާތްގަނޑަކަށް 10000 ވަޒީފާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ޞިނާޢަތުގެ ކުރިމަގު، އުޖާލާކޮށް ފެނުނު ނަމަވެސް މި ޞިނާޢަތު އިތުރަށް ތަރައްޤީކުރުމަށް، ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ވަރަށް ގިނަކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ތިމާވެށީގެ މައްސަލަތައް އެއީ އޭގެ އެއްބައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމަށް އަޅާ ކޮންމެ ފިޔަވަޅަކާ އެކު، ތިމާވެށީގެ ޙިމާޔަތަށް ދެފިޔަވަޅު އަޅަން މަޖުބޫރުވެފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޓެރަރިޒަމްގެ ނުރައްކަލާ ދުނިޔޭގެ އިޤްތިޞާދީ ޙަރަކާތްތަކަށް އަރާ ކޮންމެ ލޮޅުމެއްގެ އަސަރުވެސް، ރާއްޖޭގެ ފަތުރުވެރިކަމަށް ފޯރުމުގެ ފުރުޞަތު އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިކަމުގައިވާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންނުކުރާ ޤައުމަކަށް 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ހެދުމުގެ ލަނޑުދަނޑީގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުމަށް މިރޭ ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވި ރޭގަނޑުގެ މި ޖާފަތަކީ މި މުނާޞަބާ ފާހަގަކުރުމުގެ ގޮތުން އެކި ދުވަސްތަކަށް ބަހާލައިގެން ޓުއަރިޒަމް މިނިސްޓްރީން ކުރިޔަށްގެންދަވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެއް ޙަރަކާތެވެ.

ކިޔުންތެރިންގެ ހިޔާލު