މަޖިލީހުގެ އައު ދައުރުގެ އަމާޒު: 48 ބިލެއްގެ މަސައްކަތް ނިންމުން!

ރައްޔިތުންގެ މަޖިލީހުގެ މިއަދު ފެށި އައު ދައުރުގެ އެންމެ ބޮޑު އަމާޒަކީ ޖުމުލަ 48 ބިލެއްގެ މަސައްކަތް ނިންމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައު ދައުރުގެ ޖަލްސާތައް މިއަދު ވަނީ ފަށާފައެވެ. މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ރައީސް ނަޝީދުވަނީ މިދައުރުގައިވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

އޭގެތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާ ބިލްތަކާއި ސިޔާސީ ޕާޓީތަކުން ހުށަހަޅާ ބިލްތަކާއިއެކު ޖުމްލަ 48 ބިލެއްގެ މަސައްކަތްކުރުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި މިދައުރުގެ ތެރޭގައި މަޖިލީހުން ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ 2020ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދުރުގައި މަޖިލީހުން މަސައްކަތް ކުރަން ނިންމާފައިވާ މުހިންމު ބިލްތަކުގެ ތެރޭގައި ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިންކަމް ޓެކްސް ނެގުމުގެ ބިލާއި އިންތިގާލީ އިންސާފުގެ ބިލާއި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހިމެނެއެވެ. އަދި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފެނާއި ކަރަންޓާއި ނަރުދަމާއާ ގުޅޭ ބިލްގެ މަސައްކަތްވެސް ހިމެނެއެވެ.

މީގެއިތުރުން ސިވިލް ޕްރޮސިޖަ ކޯޑާ ގުޅޭ ބިލާއި ކްލައިމެޓް ރެސިލިއަންސް އާ ގުޅޭ ބިލާއި ރުއް ގަހާ ގުޅޭ ބިލާއި ބޯހިޔާވަހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ތަޢުލީމީ ދާއިރާއާ ގުޅޭ ބިލާއި އާއިލާ އާއި ވަރި ކައިވެންޏާ ގުޅޭ ބިލާއި ވަޒީފާއެއް ހޯދާ މީހުންނަށް އިނާޔަތެއް ދިނުމާ ގުޅޭ ބިލާއި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ބެހޭ ބިލާއި ދަތުރުފަތުރުގެ ނިޒާމާ ގުޅޭ ބިލުވެސް ފާހަގަކުރެވެނީ މިދައުރުގައި މަޖިލީހުން ކުރަން ނިންމާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު