ދެމެހެއްޓެނިވި ފަތުރުވެރިކަމެއްގެ ތަރަހައަކީ، ހަމަޖެހުމާއި ޞުލްހަމަސަލަސްކަން - ރައީސް

ދެމެހެއްޓެނިވި ފަތުރުވެރިކަމެއްގެ ތަރަހައަކީ، ހަމަޖެހުމާއި ޞުލްހަމަސަލަސްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ދުނިޔޭގެ ފަތުރުވެރިކަމަކީ، އެންމެ އެވޭލާ ރޯމަނުންނާއި ގްރީކް މީހުންނާ ގުޅިފައި އޮތް ކަމަކަށްވިޔަސް، މިޒަމާނުގެ ފަތުރުވެރިކަން ފެށިފައިވަނީ، ދެވަނަ ބޮޑު ހަނގުރާމައިގެ ބަނަކަން ފިލައިދިޔަ ފަހުންކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެހެންކަމުން ދެމެހެއްޓެނިވި ފަތުރުވެރިކަމެއްގެ ތަރަހައަކީ، ހަމަޖެހުމާއި ޞުލްހަމަސަލަސްކަންކަމަށާ، ރާއްޖޭގެ ޖަޒީރާ ރަށްތަކުގައި ފަތުރުވެރިކަން އާލާވުމުގެ މައިގަނޑު ސަބަބަކީވެސް، ދުނިޔޭގެ ހަލަބޮލިކަމާއި ހަމަނުޖެހުންތަކުން ވީއްލި، ހިންދު ކަނޑުގެ މި ޖަޒީރާތަކުގައި ފައިބީއްސައިލުމުން ލިބިދޭ ހަމަޖެހުމާއި އަމާންކަމުގައި ރައީސް ވިދާޅުވިއެވެ.

"ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ފަތުރުވެރިކަމުގެ ޞިނާޢަތާމެދު، ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުވުމެވެ. އަދި މި ޞިނާޢަތް އިތުރަށް ކުރިއަރުވައި ތަރައްޤީ ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަނެ، އެކަންކަން ޙައްލުކުރާނެ ގޮތްތަކާމެދު، ބައިނަލްއަޤްވާމީ މުޖްތަމަޢު ގުޅިގެން މަސައްކަތް ކުރުވުމެވެ." ރައީސް އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

މީގެ 47 އަހަރު ކުރިން ދިވެހި ފަތުރުވެރިކަން އުފަންވީ އެންމެ 60 އެނދާ އެކުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ ހިތްވަރުގަދަ ދެތިން ވިޔަފާރިވެރިން، މި ޞިނާޢަތު ފަށްޓަވައި ކޮޅަށް ޖަހައިދެއްވީ، މި ޖީލުގެ މީހުންނަށް ތަޞައްވުރުވެސް ނުކުރެވޭހާ ގިނަ ހުރަސްތައް ގިރާކުރައްވާފައިކަމަށެވެ. މިއަދު ރާއްޖޭގައި ހިންގާ 567 ގެސްޓް ހައުސް، 154 ސަފާރީ، 149 ރިޒޯޓް އަދި 10 ޓޫރިސްޓް ހޮޓާ އެބަ ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ތަންތަނުގައި 47114 އަށްވުރެ ގިނަ ޓޫރިސްޓް އެނދު ހުރިއިރު، ރާއްޖޭގެ މިހާރުގެ ފަތުރުވެރިކަމަކީ، ދުނިޔޭގެ ބާޒާރުގައި ނަން ހިނގާ، އެންމެ މަޤްބޫލު މަރުކާކަން ރައީސްވަނީ ފަހަގަކުރައްވާފައެވެ.

"މިހާރު އަޅުގަނޑުމެންގެ އަމާޒަކަށްވާންވީ، ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމަށް ލިބިފައިވާ މަޤްބޫލުކަމުގެ ފައިދާ، މިހާރަށްވުރެވެސް ފުޅާގޮތެއްގައި، ވަކިވަކި ފަރުދުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. ރާއްޖޭގައި ހުރި ޓޫރިސްޓް އެނދުގެ ޢަދަދާއި، ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދާއި، ފަތުރުވެރިކަމުން ލިބޭ އާމްދަނީއާ އަޅައިބަލާއިރު، ފަރުދުންގެ އިޤްތިޞާދަށް އެނގުންވާ މިންވަރު އަދިވެސް މާކުޑައެވެ. އެކަމަށް އޮތް އެންމެ ރަނގަޅު ޙައްލަކީ، ރަށު ފަތުރުވެރިކަން އަދިވެސް ފުޅާ ކުރުމެވެ." ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން މިހާރަށްވުރެ ކުރިއެރުވުމަށްޓަކައި، ދުނިޔޭގެ ފަތުރުވެރިކަމުގައި މިހާރު މަޝްހޫރުވަމުން އަންނަ ބާވަތްތައް، ރާއްޖެއަށް ތަޢާރަފްކުރެވޭނެ ގޮތްތަކާމެދުވެސް ވިސްނަންޖެހޭކަމަށާ،  ވިޔަފާރި ފަތުރުވެރިކަމާއި، ޘަޤާފަތާއި ތަރިކައިގެ ފަތުރުވެރިކަމާއި، ކުޅިވަރު ފަތުރުވެރިކަން އަދި ބޭސްފަރުވާގެ ފަތުރުވެރިކަމަކީ، ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފަތުރުވެރި ވިޔަފާރިތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ރައީސް ޞާލިޙުވަނީ ރާއްޖޭގެ ރައްޔިތުންނަށާއި، ދިވެހި ފަތުރުވެރިކަމުގެ ޞިނާޢަތުގައި އިންވެސްޓް ކުރައްވާފައިވާ ވިޔަފާރިވެރިންނަށާއި، ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވާ އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ އެންމެހައި މުވައްޒަފުންނަށްވެސް ތަހުނިޔާ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު