ޔާމީންގެ ވަކީލުގެ ބަސްމަގު: ޚުޠުބާއެއްތަ؟ ޑްރާމާއެއްތަ؟

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރިއަށްގެންދާ މަނީ ލޯންޑަރިންގެ ދަޢުވާގެ ޝަރީޢަތަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ ޝަރިޢަތެކެވެ.

އޭގެތެރެއިން މިއަދު އަޑުއެހުމުގައި ޔާމީންގެ ދިފާއީ ވަކީލް އާދަމް އާސިފުގެ ބަސްމަގާއި އަޑު މަޚުރަޖު ހުރި އާދަޔާ ޚިލާފު ގޮތް ފާހަގަކޮށްލެވެނީ އެހެންގޮތަކުން ފާހަގަކޮށްލެވުނުކަމަކަށެވެ. އާސިފްގެ އަޑު ޢާއްމުކޮށް ހުންނަގޮތާއި މިއަދު ހުރި ތަފާތުގޮތް އޭނާ ވަޑައިގަންނަވާ ޝަރިޢަތުގެ އަޑުއެހުންތަކަށް ޙާޒިރުވާ ނޫސްވެރިންނާއި ޢާއްމުންނަށްވެސް އެނގޭނެއެވެ.

މިއަދުގެ އަޑުއެހުމުގައި އޮތީ ޔާމީންގެ މައްޗަށް ކުށްސާބިތުކުރުމަށް ދައުލަތުގެފަރާތުން ހުށަހެޅި ކިތާބީ ހެއްކާމެދު ޔާމީންގެ ފަރާތުން ބަޔާން ހުށަހަޅުއްވުމެވެ. މިދެންނެވި ބަޔާނުގެ ފުރަތަމަބައި ހުށަހެޅުއްވީ ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލީ ޝާހެވެ. އަނެއްބައި އާސިފެވެ. އެއީ ވަރަށް ދިގު ބަޔާނެކެވެ.

ބަޔާނުގެ އާސިފް ހުށަހެޅުއްވިބައި ފެއްޓެވީވެސް ޢާއްމުކޮށް އޭނާ ކޯޓުގައި ވާހަކަދައްކަވާ ރާގަކަށް ނޫނެވެ. ވަރަށްބޮދަށް ދަމަދަމާފައި ރާގުލައްވާފައި އޭނާ ބަޔާން ވިދާޅުވާން ފެއްޓެވިއެވެ. މިރާގު އެންމެ ވައްތަރީ ހުކުރު ޚުޠުބާ ދެއްވާ ޚަޠީބުން ޢާއްމުކޮށް ޚުޠުވާ ވިދާޅުވާ ރާގާއެވެ. އާސިފްގެ މިއާދަޔާ ޚިލާފު ޢަމަލު މިއަދުގެ ޝަރީޢަތުގެ އަޑުއެހުމަށް ހާޒިރުވެތިބި ގިނަބަޔަކަށް ފާހަގަވިއެވެ. އެކަކު އަނެކަކުގެ މޫނަށް ބަލާލައި ބައެއް މީހުންގެ މޫނުމަތިން ހިނިއަންގަގޮތް ފެނުނެވެ. ނަމަވެސް ޝަރީޢަތުގެ މަޖިލީހުގައި ހީ ސަކަރާތްޖެހުމަކީ މަނާކަމެއްކަން އެންމެންނަށްވެސް އެނގޭތީ ކެއްކޮށްލައިގެން ބަނޑަށް ހީލަހީލާ ތިބީއެވެ.

މިޝަރީޢަތަކީ ކޮންމެ އަޑުއެހުމެއް ވަގުތުން ޓީވީން ދުރަށްދައްކާ ޝަރީޢަތެކެވެ. މިއަދުގެ އަޑުއެހުން ޓީވީން ބަލަންތިބި މީހުންވެސް އާސިފްގެ މި "ޑްރާމާ"ބެލިއެވެ. އެމީހުންވެސް މިކަންފާހަގަކޮށް ޝުޢޫރު ފާޅުކުރިއެވެ. ސޯޝަލް މީޑިއާގައިވެސް ވަގުތުން މިވާހަކަ ވައިރަލްވެގެން ދިޔައެވެ.

އެންމެފަހުން މިޝަރީޢަތް ކުރިއަށް ގެންދަވާ ކްރިމިނަކް ކޯޓުގެ އިސް ޤާޒީ އަޙްމަދު ހައިލަމަށްވެސް ކެތެއްނުވިއެވެ. އާސިފްގެ "ޑްރާމާ" މެދު ކަނޑުއްވާލެއްވުމަށް ފަހު އެކަން ގޮތަށް ނުކުރެއްވުމަށް އެންގެވިއެވެ.

"ވަކީލް ތަންކޮޅެއް ރަނގަޅަށް ބަޔާން ވިދާޅުވެ ދެއްވާ. ވަކީލަކީ އަލަށް ވަޑައިގަންނަވާ ބޭފުޅެއް ނޫނެއްނޫންތޯ؟. ޚުތުބާއެއް ވިދާޅުވަނީއެއް ނޫންތޯ؟" އިސް ޤާޒީ ހައިލަމް ވިދާޅުވިއެވެ.

ޤާޒީ ހައިލަމް ވިދާޅުވީ ބައެއް ފަހަރު ޚުތުބާއެއް ވިދާޅުވަނީހެން އަނެއްބައިފަހަރު ޑްރާމާއެއް ކުޅުއްވާހެން ހީވާ ކަމަށެވެ. އެހެންކަމުން ރީތިކޮށް ވާހަކަދެއްކުމަށް ޤާޒީ ނަސޭޙަތްތެރިވެވަޑައިގަތެވެ. މިއާއެކު އާސިފް ވަނީ "ފާޑެއްގެ ހިނިތުންވުމަކާއެކު" މާފަށް އެދިވަޑައިގެން އޭނާގެ "ޚުޠުބާ" ރާގު ކޮންމެވެސް ވަރަކަށް ބަދަލުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.

ކޮންމެއަކަސް ރައީސް ޔާމީންގެ ޝަރީޢަތަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދިޔަ އެންމެ އާދަޔާ ޚިލާފު އެއް ޝަރީޢަތުގެ ގޮތުގައި ތާރީޚުގެތެރެއަށް ވަނީ ވަދެފައެވެ. މިދެންނެވީ އާގޮތަކަށް ޝަރީޢަތްކުރާވާހަކައެއް ނޫނެވެ. ފުރަތަމަ ފަހަރަށް ޢާއްމުރައްޔިތުންނަށް ވަގުތުން ޓީވީން ޝަރީޢަތުގެ މަޖިލިސް ފެންނަގޮތްވުމާއި، ޝަރިޢަތުގެ މަޖިލީހުގެ ތެރެއިން ފެންނަ ބައެއްކަހަލަ އާދަޔާ ޚިލާފު ކަންކަން ޢާއްމުންނާ ހަމައަށް ތިލަވުންވެސް ހިމެނެއެވެ. މިފަހަރުވެސް މިފެނުނީ އެފަދަ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު