'ސަރުކާރުގެ އަމާޒަކީ 2021 ވަނަ އަހަރު ނިމެންވާއިރަށް ޤައުމީ ޕްރެސް ކުލަބެއް އުފެއްދުން'

ސަރުކާރުގެ އަމާޒަކީ 2021 ވަނަ އަހަރު ނިމެންވާއިރަށް ޤައުމީ ޕްރެސް ކުލަބެއް އުފެއްދެވުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ނޫސްވެރިކަމުގެ އެވޯޑް 2018 ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ނޫސްވެރިކަން ތަރައްޤީކުރުމަށް މި ސަރުކާރުގެ ސިޔާސަތުތަކެއް ހުރިކަން ފާހަގަކުރައްވައި އެއީ ހެޔޮވެރިކަމުގެ އެއްބައި ކަމުގައި ވިދާޅުވިއެވެ. އަދި ޕްރެސް ކްލަބެއް އުފެއްދުމުގެ އިތުރުން ޕަބްލިކް ސަރވިސް މީޑިޔާގެ ޤާނޫނާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ޤާނޫނަށް ސަރުކާރުން ބަދަލުތަކެއް ގެންނަވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ނޫސްވެރިކަމަކީ ޑިކޮމްރެސީގެ އެއްތަނބުކަން ފާހަގަކުރައްވައި ދައުލަތުގެ މުއައްސަސާތައް ޒިންމާދާރުކޮށް، ޤައުމުގެ ކަންކަން އިޞްލާޙް ކުރުމުގައި، ނޫސްވެރިންގެ މަސައްކަތް ވަރަށް މުހިންމުކަން ނައިބުރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މިނިވަންކަމާއެކު ޙަރަކާތްތެރިވާ، ޑިމޮކްރެސީގެ އުޞޫލުތައް ދަމަހައްޓާ މީޑިއާއެއް އޮތުމަކީ، ޑިމޮކްރެސީއެއް އުފެދި އަށަގެންނެވުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މިސަރުކާރު ފެށުނު އިރު، ރާއްޖޭގެ ނޫސްވެރިކަން އޮތީ ބިރުވެރިކަމެއްގެ ތެރޭގައިކަން ފާހަގަކުރައްވައި އޭރު ނޫސްވެރިކަމަށް ހުރި ގޮންޖެހުންތަކާއި ނޫސްވެރިކަން އޭރު އޮތް ހާލަތުގެ މައްޗަށްވެސް ނައިބުރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު، މިސަރުކާރުން ރައްކާތެރިކޮށްދީފައިވާކަން ފާހަގަކުރައްވައި މިސަރުކާރަށް ނުވަ މަސް ފުރިގެން މިދަނީ ވެސް ، ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަމާ އެކުކަން ނައިބުރައީސް ފާހަގަކުރެއްވިއެވެ. އަދި ނޫސްވެރިންނަށް މިނިވަންކަން ދިނުމުން، މި ސަރުކާރަށް ގެއްލުމެއް ލިބުމުގެ ބަދަލުގައި ކުރީ ފައިދާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ހަމަ އެހެންމެ، މިސަރުކާރު ދެމިއޮތްހާ ދުވަހަކު، ސަރުކާރާ އިދިކޮޅު އެއްވެސް މީޑިއާއެއް ނޯންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނޫސްވެރިންނަށް ދެއްވިއެވެ.

ނޫސްވެރިންގެ ޚިޔާލާއި ފާޑުކިޔުންތައް ސަރުކާރުން ކިޔައި އަޑުއަހައި ސަރުކާރުން ކުރިޔަށްދަނީ ފާޑުކިޔުންތަކުގެ އަލީގައި، ދައުލަތް ހިންގުމުގެ ކަންކަން އިޞްލާޙް ކުރަމުންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ތަމްރީނާއި މަތީ ތަޢުލީމު ފުޅާކޮށް، އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުގެ ވިސްނުންހުރިގޮތްވެސް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހާމަކުރެއްވިއެވެ. އެގޮތުން މިހާރު ރާއްޖޭގައި ހިންގާ ޖާނަލިޒަމް ކޯސްތައް ހަރުދަނާކޮށް، އިންވެސްޓިގޭޓިވް ޖާނަލިޒަމް ފުޅާކުރުމަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ހަމައެފަދައިން ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރުމަށް، ސްކޮލަޝިޕާއި ލޯނުގެ ފުރުޞަތުވެސް، ކުރިމަގުގައި އިތުރުކުރައްވާނެކަމަށާއި މިއާއެކު ކުރިއަށް އޮތް އަހަރުތަކަކީ، ރާއްޖޭގެ ނޫސްވެރިކަމަށް، ވަރަށް ފާގަތި އަހަރުތަކެއް ކަމުގައި ވާނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ނައިބުރައީސް ވިދާޅުވިއެވެ.

ކިތަންމެ ފުރިހަމަ މިނިވަންކަމެއް ލިބިފައި އޮތަސް، އެމިނިވަންކަމެއްގެ ބޭނުން ހިފުމުގައި ވަކި ހަމަތަކަކާއި ވަކި ސުލޫކެއް ގެންގުޅުމަކީ، ނޫސްވެރިކަމުގެ އަސާސީ އެއްސިފަކަން ފާހަގަކުރައްވައި ކިތަންމެ އަވަހަށް ޝާއިޢުކުރައްވަންޖެހޭ ޚަބަރަކަށް ވިޔަސް، އެ ޚަބަރެއްގެ ތެދުދޮގު ކަށަވަރު ކުރައްވައި، ރައްޔިތުންގެ އިތުބާރު ހޯއްދެވުމަކީ، ނޫސްވެރިންގެ އަގު ހިފެހެއްޓުމަށްޓަކައި ވަރަށް މުހިންމު ހަމައެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވްސް މީޑިޔާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމު މިދިޔަ 2018 ވަނަ އަހަރު ލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނުނު އެންމެޝަރަފުވެރި އިނާމުކަމަށްވާ ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސްގަލަން ހާޞިލުކުރި ފަރާތްތަކަށް އެ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި އެވޯޑް ބާރަ ފަރާތަކަށް ލިބިފައިވާއިރު ނޫސްވެރިކަމުގެ އަލިމަސް ގަލަން 9 ފަރާތަކަށް އަދި ނޫސްވެރިކަމުގެ ރަންގަލަން 12 ފަރާތަކަށް ލިބިފައިވެއެވެ. މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ވަނީ އެކިދާއިރާތަކުން 2018 ވަނަ އަހަރު ނޫސްވެރިކަމުގެ އިނާމު ހާޞިލުކުރި ފަރާތްތައް އިއުލާނުކޮށް އެފަރާތްތަކަށް އިނާމާއި އެވޯޑް ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު