އެމްއެންޑީއެފް އިންޓަރޔުނިޓް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޑީއެސްސީ/އެސްއެފް ޓީމުން ހޯދައިފި

ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ކުރިއަށްދިޔަ "އިންޓަރޔުނިޓް 18 ވަނަ ވޮލީބޯޅަ މުބާރާތު" ގެ ޗެމްޕިއަންކަން ޑީއެސްސީ/އެސްއެފް (ކޮމްބައިން) ޓީމުން ހޯދައިފިއެވެ.

ޑީއެސްސީ/އެސްއެފް (ކޮމްބައިން) ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިރޭ އެކުވެނި އައުޓްޑޯ ވޮލީކޯޓުގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ޕްރެސިޑެންޝަލް ގާޑްސް (ޕީޖީ)، 3-1 ސެޓުން ބަލިކޮށްފައެވެ. ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޑީއެސްސީ/އެސްއެފް (ކޮމްބައިން) ޓީމުގެ ޖާޒީ ނަންބަރު 10 ސްޓާފް ސާޖަންޓް އަޙްމަދު ޢަބްދުލްކަރީމެވެ.

ރޭ ކުޅުނު ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ.

މުބާރާތުގެ ފައިނަލް މެޗަށްފަހު، މުބާރާތުގެ ޗެމްޕިއަން ޓީމަށް ވާދައިގެ ތައްޓާއި މެޑަލްތައް ހަވާލުކޮށްދެއްވީ، ފައިނަލް މެޗުގެ ޝަރަފުވެރި މެހުމާން ޑިފެންސް މިނިސްޓަރ، އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ. އަދި މުބާރާތުގެ ރަނަރަޕް ޓީމާއި، މުބާރާތުގެ ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް ޓްރޮފީއާއި މެޑަލް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އޭގެ އިތުރުން، މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ޓްރޮފީއާއި މެޑަލް ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

މިމަހުގެ 9 ވަނަ ދުވަހު ފެށި މި މުބާރާތުގައި 11 ޓީމަކުން ވާދަކުރިއިރު، ފަސް ޔުނިޓަކުން ވާދަކޮށްފައިވަނީ، ކޮމްބައިން ޓީމުތަކުގެ ގޮތުގައެވެ. މި މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ތެރޭގައި ފަޔަރ އެންޑް ރެސްކިޔު ސާރވިސް (އެފްއާރުއެސް)، ބޭންޑް އެންޑް މިއުޒިކް ވިންގު، މިލިޓްރީ ޕޮލިސް/ޑްރިލް ވިންގު (ކޮމްބައިން)، އިންޓެގްރޭޓެޑް ހެޑްކްއޯޓަރޒް (އައިއެޗްކިޔު)، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ)، ޕްރެޒިޑެންޝަލް ގާޑްސް (ޕީޖީ)، ސްޕެޝަލް ފޯސަސް/ޑީއެސްސީ (ކޮމްބައިން)، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އަދި މެރިން ކޯރ ހިމެނެއެވެ.

ދުޅަހެޔޮ، ހަށިހެޔޮ ސިފައިންގެ ބަޔަކު އުފައްދައި، ވާދަވެރި މާހައުލެއްގައި ސިފައިންގެ ވޮލީބޯޅައިގެ ހުނަރު ދައްކާލައި، ސިފަވަންތަ ވޮލީބޯޅަ ކުޅުންތެރިންނާއި ކޯޗުން އަދި މެޗު އޮފިޝަލުން އުފެއްދުމުގެ މަޤްޝަދުގައި ބޭއްވޭ އިންޓަރ ޔުނިޓް ވޮލީ ބޯޅަ މުބާރާތަކީ ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. އެންމެ ފަހުން ބޭއްވި އިންޓަރ ޔުނިޓް ވޮލީ ބޯޅަ މުބާރާތުގެ އެއްވަނަ ޑިވިޜަންގެ ޗެމްޕިއަން ޓީމަކީ އެސްޕީޖީއެވެ. އަދި ދެވަނަ ޑިވިޜަންގެ ޗެމްޕިއަން ޓީމަކީ ދިވެހި ސިފައިންގެ ކުލަބެވެ.

ކިޔުންތެރިންގެ ހިޔާލު