ރައީސް ނަޝީދަށް ފާރަލަނީ އަނދިރި ދައުލަތުން!

  • މީގެ ކުރިން ވެސް ފުލުހުން ވަނީ އިސްވެރިންނަށް ނޭގި ރިލްވާންއަށް ފާރަލާފަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފާރަލަނީ އަނދިރި ދައުލަތަށް ނިސްބަތްވާ ފުލުހުންކަމަށް މި ދަންނަވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަން (މަރު ކޮމިޝަން) އިން ވަނީ ފުލުހުންގެ އިންޓެލް ދެ ފުލުހަކު ނޫސްވެރިއާ އަހުމަދު ރިލްވާން މަރާލުމުގެ ކުރިން އޭނާއަށް ފާރަލަމުން ގެންގޮސްފައިވާކަމަށް ބުނެފައެވެ. އަދި ފަހުން ރިލްވާން މަރުވި ފަހުން އޭނާ ސީރިއާއަށް ގޮސް އޭނާ މަރާލުވިކަން ދެއްކުމަށް ރިލްވާންގެ ފޭކު ޕާސްޕޯޓެއް ހެދުމަށް މަސައްކަތް ކުރިއެވެ.

ރިލްވާން އަށް ފާރަލާން އިންޓެލް ފުލުހުން ކޯޓު އަމުރު ހޯދައި އޭނާގެ ފޯނު އަޑުއެހުން ފަދަ ކަންކަން ކޮށްފައިވަނީ އިންޓެލްގެ އިސްވެރިންނަށް ނޭގިކަން މަރު ކޮމިޝަންގެ ރިޕޯޓުން ހާމަވެއެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގަ ރޭ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފުލުހުން ފާރަލާކަށް ސިފައިން ބުނެފައިވާކަމަށެވެ.

ރައީސް ނަޝީދަކީ ކުރިން ރައީސްކަން ކުރެއްވި އެއްއިރެއްގައި ސިފައިންގެ އެންމެ އިސްވެރިއާއެވެ. އަދި ރައީސް ނަޝީދުގެ އަރުހިގަ 24 ގަޑީރު ހަށިފާރަވެރިންގެ ގޮތުގައި ސިފައިން މިހާރުވެސް ހަރަކާތްތެރިވެއެވެ. މިހެންކަމުން ރަސްމީ ހައިސިއްޔަތުން ރައީސް ނަޝީދަށް ފުލުހުން ފާރަލާކަމަށް ސިފައިން ނުބި ނަމަވެސް، އެ މައުލޫމާތު އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކިތަންމެ ގޮތެއް އެބައޮތެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކަ ފުޅަށް ރައްދު ދީ ސިފައިންނާ ފުލުހުން ނެރުނު ބަޔާނުގައި އެމަނިކުފާނަށް ތްރެޓް ނެތްކަން ދޭހަވާގޮތަށް އޮތުން ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއްކަން ޔަގީނެވެ. ގައުމެއްގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް އަދި ކުރީގެ ރައީސް އަކަށް އަބަދުވެސް ތްރެޓް އޮންނާނެއެވެ. އަދި ރައީސް ނަޝީދު ގެންދަވަނީ އަނދިރި ދައުލަތުގެ ވާހަގަ އަޑު އަހުރުކޮށް ދައްކަވައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރައްވަމުންނެވެ. މިހެންވީރު އެމަނިކުފާނަށް ތްރެޓް ނެތްކަމަށް ބުނެވޭނީ ކިހިނެއްތޯއެވެ؟

ފުލުހުންގެ އިސްވެރިންނަށް ނޭގި ކުރިން ވެސް ވަނީ މީސްމީހުނަށް ފާރަލާފައެވެ.

އެއް ފުޅަންމަތިން ފުންމާލި ބަކަރި ދެވަނަ ފުޅަށްމަތިންވެސް ފުންމާ ނުލާނެތޯއެވެ؟

ކިޔުންތެރިންގެ ހިޔާލު

  1. ރީނދޫ ބޭބެ

    ތިޔަބުނާ އަނދިރި ދައުލަތުގެ ވެރިޔަކީ އަންނިއެއް ނޫންތަ